
ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ފައިނަލަށް ހޯދަޑު ސްޕޯޓްސް ކްލަބް އާއި އައްޔަނި ސްޕޯޓްސް ކްލަބް
ފުވައްމުލަކުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސެލް މުބާރާތް ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ފައިނަލަށް ހޯދަޑު ސްޕޯޓްސް ކްލަބް އާއި އައްޔަނި ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
އައްޔަނި ސްޕޯޓްސް ކްލަބް ފައިނަލް މެޗުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ސެމީފައިނަލް ފުރަތަމަ މެޗުގައި ގަލޯނާ ސްޕޯޓްސް ކްލަބް ގެ މައްޗަށް ފަސް ލަނޑު އެއްލަނޑުން ކުރިހޯދައިގެންނެވެ. މެޗުގައި އައްޔަނި އެސް.ސީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޝަނާން ރަޝާދު (ޖ9) ، މުޙައްމަދު އިމްރާން (ޖ7)، އަބްދުﷲ ރަޝީދު(ޖ5)، އަދި އަލީ ޝަމާލް އަބްދުﷲ (ޖ17)އެވެ. މީގެ ތެރެއިން ޝަނާން ވަނީ ދެގޯލް ކާޟިޔާބުކޮށްދީފައެވެ. އައްޔަނި އެސ.ސީ ގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ އައްޔަނި އެސް.ސީގެ އަލީ ޝަމާލް އަބްދުﷲއެވެ.
ފައިނަލްގެ ދެވަނަ ޖާގަ ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކުރީ އެންމެފަހުގެ ޗެމްޕިއަން ޔުނައިޓެޑް ދިގުވާނޑުގެ މައްޗައް އެއްލަނޑު ސުންލަނޑުން ކުރިހޯދައިގެންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ހޯދަޑު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީނަންބަރު 10 އަހްމަދު އަފްލާޒްއެވެ. މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދީ ތަފާތު މޮޅުކުޅުމެއް ދައްކައި މުހިންމު ސޭވްތަކެއް ހޯދަޑު ސްޕޯޓްސްއަށް ކޮށްދިން އެ ޓީމްގެ ގޯލްކީޕަރު އަޝްރަފް އަބްދުﷲ (ޖ1)އެވެ.
މުބާރާތުގެ ފައިނަލްމެޗު އޮންނާނީ މާދަމާ ރޭ (24 އޯގަސްޓް 2026) 20:30 ގައެވެ.
