
ފުވައްމުލަކުގައި ބަޝިބޯޅަ އޮފިޝަލުން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ބާއްވަނީ
މިއަނދު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ވޯކޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ފުވައްމުލަކު ސިޓީކައުންސިލްގެ ކުރުނދުމާ މާލަމްގައެވެ. ތިއަރީ ސެޝަންތަކަކާއި ޕެރެކްޓިކަލްސް ހިމެނޭގޮތައް ރޭވިގެންކުރިޔަށްދާ މި ވޯކްޝޮޕް ފެސިލިޓޭޓުކޮށް ދެއްވާނ ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް އިންނެވެ. މި ވޯކްޝޮޕްގައި 60 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މައުލޫމާތު ދެއެވެ.
ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސއްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޝިއުނާ މާއިރިއާ ވާހަކަ ދައްކަމުން ވިދާޅުވީ މިފަދަ ވޯކްޝޮޕެއް ފުވައްމުލަކުގައި ކުރިޔަށް ގެންދިޔުމަށް ނިންމި އެންމެ މުހިންމު ސަބަބަކީ ގިނަދުވަސްތަކެއް ވަންދެން ބަށި ކުޅިވަރެއްގެ ގޮތުގައި ވަޅުޖެހިފައި އޮތުމަށްފަހު މުޅިރާއްޖޭގައި އާއި ފުވައްމުލަކުގައިވެސް ބަށީގެ އާރޫހެއް އުފެދިނގެން އަންނަ މި ދަނޑިވަޅުގައި ފުވައްމުލަކުގައި މިފަދަ މުބާރާތްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ޓެކްނިކަލް މީހުން ތަމްރީނުކުރުމެވެ. "މިފަދަ ވޯކްޝޮޕެއް ފުވައްމުލަކުގައި ބޭއްވުމުގެ ބޭނުމަކީ އެހެންބަޔަކަށް ބަރޯސާ ނުވެ ފުވައްމުލަކުގައި ބަޝިމުބާރާތްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ޓެކްނިކަލް މީހުން އުފެއްދުން" ޝިއުނާ ވިދާޅުވިއެވެ. މި ވޯކްޝޮޕް ކުރިޔަށް ދާނީ މިއަނދުން ފެށިގެން މިހިނގާ އޯގަސްޓް 29 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
