
މަސްމާރުކޭޓުން މަސްކެނޑުމުގެ ޚިދުމަތް އަލުން ފެށުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ
ފުވައްމުލައް ސިޓީ ބަނދަރު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ މަސްމާރުކޭޓުން މަސްކެނޑުމުގެ ޚިދުމަތް އަލުން ފެށުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް މިރޭ އެ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފިއެވެ.
މިރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މަސްކެނޑުމުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާއިރު، އެކަން ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ޚިދުމަތް ބައްޓަންކުރުމެވެ. މިގޮތުން، ޚިދުމަތް ދިނުމާ ގުޅޭގޮތުން އާންމު ފަރުދުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މި ބައްދަލުވުމަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަމަކަށް ވާތީ، ފުވައްމުލަކުގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.
