
ތަޢުލީމީ ނިޒާމުގެ ތެރެއިން މަދުވާ ބައި: ޑިމޮކްރެސީއާއި ފެހި ޤާނޫނުއަސާސީ ހިމާޔަތްކުރަން ހަމައެކަނި ޑިގްރީއަކުން ނުފުދެނީ ކީއްވެ؟
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގެ ދައުރު ގުނަމުންދާ ޤައުމެކޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ޑިމޮކްރެސީގެ އަސާސްތަކުގެ މައްޗަށް އެކުލަވައިލެވުނު "ފެހި ޤާނޫނުއަސާސީ" ތަޞްދީޤު ކުރެވުނީ 2008 ވަނަ އަހަރުއެވެ. ނަމަވެސް، ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިޚާބުވި ފުރަތަމަ ރައީސް، ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖެއިން ފެނިގެންދިޔައީ ސިޔާސީ ހަލަބޮލި ދުވަސްތަކެކެވެ. ރާއްޖޭގެ ވޯޓުލާ އާބާދީގެ ބޮޑުބަޔަކީ، އަދި ކުރިއަށް އޮތް ތަނުގައި ޤައުމުގެ ކަންކަމުގައި ބަސްކިޔައި، ވަޒީފާގެ ބާޒާރު އެ މީހުންނަށް އެންމެ ބޮޑަށް ބަރޯސާވާނެ ފަރާތްތަކަކީ އަދުގެ ޒުވާނުންނާއި ކިޔަވާކުދިންނެވެ. އެހެންނަމަވެސް، ޢަމަލީ މައިދާނަށް ނުކުންނަ ޒުވާނުންނާއި ދަރިވަރުންގެ ތެރެއިން، ޤައުމުގެ ކަންކަން ހިންގުމުގެ އިމާއި ހުދޫދު ކަނޑައަޅައިދޭ ޤާނޫނުއަސާސީގައި އޮތީ ކީކޭކަން އެނގެނީ ކިތައް މީހުންނަށްބާއެވެ؟
މި ލިޔުމުގައި އަލިއަޅުވައިލަން މިއުޅޭ މުހިންމު ނުކުތާއަކީ، ކޮންމެ ރައްޔިތަކީވެސް ޤާނޫނުއަސާސީއަށް ހޭލުންތެރިވެފައިވާ މީހަކަށް ވާންޖެހޭ ކަމެވެ. އަދި މިކަން ފެށިގެން އަންނަންޖެހެނީ ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ. ޒިންމާދާރު ރައްޔިތުން ދިރިއުޅޭ، ޑިމޮކްރެސީގެ އުޞޫލުތައް ފައްކާވެފައިވާ، އަދި މަދަނީ މިނިވަންކަން ކަށަވަރުވެފައިވާ މުޖުތަމަޢެއް ބިނާކުރެވޭނީ، މިއަދުގެ ޖީލު ޤާނޫނުއަސާސީއަށް ހޭލުންތެރިވެގެންނެވެ.
ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ކުޑަ އާބާދީއަކާ އަޅާބަލާއިރު ސިޔާސީ ކަންކަމުގައި މީހުން މަޝްޢޫލުވާ މިންވަރާއި ސިޔާސީ ފިކުރުތައް ގިނަކަން ފާހަގަކުރެވެއެވެ. މިފަދަ މުޖުތަމަޢެއްގައި އުޅޭ ޒުވާނުންނަށް، ފެހި ޤާނޫނުއަސާސީން ތަޢާރަފުކުރި "ތިން ބާރު ވަކިވެފައިވާ ނިޒާމު"ގެ މަފްހޫމް ސާފުކޮށް އެނގެންޖެހެއެވެ. ޤާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތްއިރު، ވެރިކަން ހިންގުމުގެ ބާރު އޮތީ ސަރުކާރަށެވެ. އަދި ޢަދުލު އިންސާފު ގާއިމުކުރުމަކީ ކޯޓުތަކުގެ ނުވަތަ ޖުޑީޝަރީގެ ޒިންމާއެކެވެ. މި ބާރުތައް ވަކިވެފައި އޮތުމުގެ ބޭނުން އަޅުގަނޑުމެންނަށް އެނގުމަކީ، ސިޔާސީވެރިންގެ ވާހަކަތަކަށް ހެއްލި، އަމިއްލަ ވިސްނުން ދޫކޮށްލައި، އެ މީހުން ޖަހާހައި ބެރަކަށް ނެށުމުން އަޅުގަނޑުމެން އެއްކިބާކޮށްދޭނެ ކަމެކެވެ. ސަރުކާރުގެ ކެބިނެޓް މައްޗަށް ބަސްބުނުމުގެ އިޚްތިޔާރު މަޖިލީހަށް އޮންނަ ސަބަބާއި، ޖުޑީޝަރީގެ މިނިވަންކަން މުހިންމުވާ ސަބަބު އެނގިގެންދާނީ އޭރުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަކީ އަމިއްލަ ވިސްނުން ކުރިޔަށް ނެރޭ ބިނާކުރަނިވި ފާޑުކިޔުމުގެ ތެރެއިން ކަންކަމަށް ނަޒަރުހިންގާ ބަޔަކަށް ވެގެންދާނެއެވެ.
ކުރީގެ ޒަމާންތަކުގައި ކުރެވުނު ވެރިކަންތަކާއި ގެންގުޅުނު ޤާނޫނުއަސާސީތަކާ ފެހި ޤާނޫނުއަސާސީ ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ، މި ޤާނޫނުއަސާސީގެ ދެވަނަ ބާބެވެ. އެއީ އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ބެހޭ ބާބެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ މިއަދު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވޭ މުހިންމު މައުޟޫޢުތަކެކެވެ. ވަކިން ޚާއްޞަކޮށް، ސޯޝަލް މީޑިއާގެ ބޭނުންކުރުން ޢާންމުވެފައިވާ މިންވަރާއި، މީހުންގެ އަބުރު ރައްކާތެރިކުރުމަށް ޤާނޫނުތަކަށް ބަދަލުތައް ގެނެވޭތީ މިފަދަ ބަހުސްތައް ވަނީ އިތުރުވެފައެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ބޮޑު އިންސައްތައަކީ ޒުވާނުންނާއި ދަރިވަރުންނަށްވާއިރު، ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ ކޮބައިކަން އެ ފަރާތްތަކަށް ރަނގަޅަށް އެނގެންޖެހެއެވެ. އަދި މި ޙައްޤުތައް ބޭނުންކުރަންވީ ކޮން ހުދޫދެއްގެ ތެރެއިންކަމާއި، އިސްލާމް ދީނުގެ މިންގަނޑުތަކުގެ ތެރޭގައި މި ޙައްޤުތަކުގެ ބޭނުންހިފާނެ ގޮތް ދަރިވަރުންނަށާއި ޒުވާނުންނަށް އެނގެންޖެހެއެވެ. މި އިމާއި މިންތައް އެނގިފައި އޮތުމަކީ، ޤާނޫނީ ހުދޫދުގެ ތެރެއިން އަމިއްލަ ޙައްޤުތައް ކަށަވަރުކުރުމަށް ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.
މުސްތަޤިއްލު މުއައްސަސާތަކާއި ޤާނޫނުގެ ވެރިކަން ހިމާޔަތްކުރުމަށްޓަކައިވެސް ޤާނޫނުއަސާސީއަށް ހޭލުންތެރިވުން މުހިންމެވެ. ފެހި ޤާނޫނުއަސާސީގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވައި، ފާރަވެރިވުމަށްޓަކައި މިނިވަން މުއައްސަސާތަކެއް އުފެދި، ނުވަތަ ކުރިންވެސް ހުރި މުއައްސަސާތަކަށް ފުރިހަމަ ޤާނޫނީ ބާރު ލިބިގެންދިޔައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި-ކަރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަކީ ސިޔާސީ ހަލަބޮލިކަމުގެ ދިގު ތާރީޚެއް އޮތް ޤައުމަކަށްވުމުން، މިފަދަ މުއައްސަސާތަކުގެ މިނިވަންކަން އިމްތިޙާނުކުރެވޭ ހާލަތްތައް ވަރަށް ގިނައެވެ. އެހެންކަމުން، މި މުއައްސަސާތަކުގެ ޒިންމާއަކީ ކޮބައިކަން ޒުވާނުންނަށް އެނގުން އިންތިހާއަށް މުހިންމެވެ. ޑިމޮކްރެސީއަކީ ހަމައެކަނި ވޯޓުލާ ދުވަހު ވޯޓުފޮއްޓަށް ވޯޓެއް ލުމާއި ހަމަޔަށް ހަނިވެފައި އޮތް ކަމެއް ނޫންކަން އެނގޭނީ އޭރުންނެވެ. ސަރުކާރު ޖަވާބުދާރީކުރުވުމުގެ މުހިންމުކަމާއި، ކަރަޕްޝަންގެ މައްސަލަތައް އޭ.ސީ.ސީއަށް ރިޕޯޓުކުރުމުގެ ބޭނުމާއި، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ހިމާޔަތްކުރަންޖެހޭ ސަބަބު ޒުވާނުންނަށް ސާފުވާނީ ޤާނޫނުއަސާސީއަށް ހޭލުންތެރިވި މިންވަރަކުންނެވެ.
އެހެންކަމުން، ޤާނޫނުއަސާސީއާއި ޑިމޮކްރެޓިކް ނިޒާމު ރައްކާތެރިކޮށް، ދައުލަތުގެ ތިން ބާރު ވަކިވެފައިވާކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނީ ހޭލުންތެރިކަން މާދަމާގެ މޭސްތިރިންނަށް ލިބޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ. ވަކިން ޚާއްޞަކޮށް، އުނގަންނައިދޭ ޑިގްރީ ޕްރޮގްރާމްތަކުގެ ތެރޭގައި ޤާނޫނުއަސާސީއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ތަޢާރަފުކުރެވިގެންނެވެ. ޚާއްޞަކޮށް ޤާނޫނީ ދާއިރާ ނޫން އެހެން ދާއިރާތަކުން ޑިގްރީ ހާސިލުކުރާ ދަރިވަރުންނަށް މިފަދަ މާއްދާއެއްގެ މުހިންމުކަން މާ ބޮޑެވެ.
އާދެ! ޤާނޫނުއަސާސީގެ އިންތަކާއި މިންތަކާއި، އޭގައި ބަޔާންވެފައިވާ މަގުން ކަންކަން ހާސިލުކުރާނެ ގޮތް އެ ޤާނޫނެއްގެ ހިޔަލުގައި އުޅޭ ރައްޔިތުންނަށް ނޭނގޭނަމަ، އެ ޤާނޫނުއަސާސީއަކާއި ހުސް ކަރުދާސްކޮޅަކާ ދެމެދު އެއްވެސް ތަފާތެއް ނޯންނާނެއެވެ.
ގުޅުން ހުރި ޚަބަރު


އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި ނިސްބަތް ކަނޑައަޅަންޖެހޭ!
ތާރިގް — October 20, 2026
ފުވައްމުލަކު އަނބުގެ މީރު ރަހަ؛ އަދި ކިހާ ދުވަހަކު ލިބޭނެބާ؟
އާބަކުރު — September 27, 2026ކޮމެންޓް
ލޯޑިންގ...
