
"ޗާލު ދިވެހިރާއްޖެ" އެވޯޑުގެ ދެވަނަ ބުރުގެ އިވެލުއޭޝަނަށް ޖަޖުންގެ ޓީމު ފުވައްމުލައް ސިޓީއަށް
ދައުލަތުގެ މީޑިއާ (ޕީ.އެސް.އެމް) އިން ކުރިއަށްގެންދާ "ޗާލު ދިވެހިރާއްޖެ" އެވޯޑަށް ފުވައްމުލައް ސިޓީ ނޮމިނޭޓްވެ، އެވޯޑުގެ ދެވަނަ ބުރުގެ އިވެލުއޭޝަނަށް ޖަޖުންގެ ޓީމާއި ޕީ.އެސް.އެމްގެ އޮފިޝަލުންގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ.
އިއްޔެ ހަވީރު މި ޓީމު ފުވައްމުލަކަށް އައުމުން، އެބޭފުޅުންނަށް މަރުޙަބާ ދެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤްގެ އިތުރުން ކައުންސިލަރުންނާއި ކައުންސިލްގެ އިސްވެރިންނެވެ.
"ޗާލު ދިވެހިރާއްޖެ" އެވޯޑަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕީ.އެސް.އެމް އިން ކުރިއަށްގެންދާ އެވޯޑެކެވެ. މިދިޔަ އަހަރު މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، ފުވައްމުލައް ސިޓީ އިން ކުރިމަތިލާފައިވާއިރު ފުވައްމުލައް ނޮމިނޭޓްވެފައިވަނީ "ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ އީޖާދީ ވިސްނުން ގެންގުޅޭ ރަށް" މި ކެޓަގަރީއިންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އެކި ކެޓަގަރީތަކަށް ކުރިމަތިލީ ރަށްތަކުގެ ތެރެއިން ދެވަނަ ބުރަށް ރަށްތައް ހޮވިގެންދިޔައީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުނު އާންމުންގެ ވޯޓުން އެންމެ މަތިން ޕޮއިންޓް ހޯދި ރަށްތަކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގައި، ފުވައްމުލަކުގައި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތައް ބަލައި، އިވެލުއޭޝަނަށް ބޭނުންވާ ވީޑިއޯތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ފަޚުރުވެރި އެވޯޑުތަކުގައި ބައިވެރިވެ ކާމިޔާބީ ހޯދުމަކީ، ފަތުރުވެރިންގެ މެދުގައި ފުވައްމުލައް ސިޓީ އިތުރަށް އިޝްތިހާރުވެ، ރަށުގެ މަޤުބޫލުކަން އިތުރުވެގެންދާނެ ކަމެކެވެ.
