
ފުވައްމުލައް ސިޓީ ކައުންސިލްގެ ބަށި މުބާރާތުގެ ގަވާއިދާ ގުޅޭގޮތުން ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މިރޭ
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތުގެ ގަވާއިދާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިރޭ 8:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ރަށުގެ އެންމެހައި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.
ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ބަށިކުޅުމުގައި ދެތިން ގަވާއިދަކަށް ޢަމަލުކުރެވެމުންދާތީ، މި މުބާރާތުގައި ބޭނުންކުރާނެ ވަކި ގަވާއިދެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މި އަހަރުގެ ކުޅިވަރު ކަލަންޑަރުގައި ބަށި މުބާރާތެއް ހިމެނި ސަބަބާ ގުޅޭގޮތުން "މާއިރި" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޓީ ކައުންސިލުން ވިދާޅުވީ، ގިނަ ދުވަސްތަކެއްވަންދެން ބަށިކުޅުން ހުއްޓިފައި އޮތުމަށްފަހު މުޅި ރާއްޖޭގައިވެސް ބަށިކުޅުމުގެ ފޯރި އަލުން އިތުރުވަމުންދާތީ، ފުވައްމުލައް ސިޓީގައިވެސް މި ކުޅިވަރު ދިރުވައި އާލާކޮށް، ފޯރިގަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ރައްޔިތުންނަށް ހޯދައިދިނުމަކީ ކައުންސިލްގެ މަޤްޞަދެއް ކަމަށެވެ.
