
ވެޓެރެންސް ފުޓްސެލް މުބާރާތުގެ ފައިނަލުން ދޫނޑިގަމާއި ޑީ.އެސް.އާރު.ސީ ޖާގަ ހޯދައިފި
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްދާ ވެޓެރެންސް ފުޓްސެލް މުބާރާތުގެ ފައިނަލުން ދޫނޑިގަމާއި ޑީ.އެސް.އާރު.ސީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ދޫނޑިގަން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމާ ބައްދަލުކޮށް، 7 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ދޫނޑިގަން ޓީމުގެ އަހްމަދު ޝިފާއު މޮޅު ކުޅުމެއް ދައްކައި ތިން ގޯލު ޖަހައި ހެޓްރިކެއް ހަދާފައިވެއެވެ. މީގެއިތުރުން، އެ ޓީމުގެ މުޒައްމިލް، ގާސިމް، މުބީން އަދި ޝައްމޫން ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލު ޖަހާފައެވެ. މިސްކިތްމަގު ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހީމް އަކްރަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޫނޑިގަން ޓީމުގެ އަހްމަދު މުބީން އެވެ.
ފައިނަލުގެ ދެވަނަ ޖާގަ ޑީ.އެސް.އާރު.ސީ ހޯދީ ޔުނައިޓެޑް ދިގުވާނޑާ ވާދަކޮށް، 1 ލަނޑު ސުން ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޑީ.އެސް.އާރު.ސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ މުޙައްމަދު އަޝްރަފެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަޝްރަފްއެވެ.
ދޫނޑިގަމާއި ޑީ.އެސް.އާރު.ސީ ބައްދަލުކުރާ މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
